ކިޔެވެނި
ޕޯޓަލްގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ
ކުރުމަށް ކުރެވޭ މަސައްކަތުގައި، އަންހެނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން
އިތުރުކުރުމަށް، ޤާބިލް އަންހެނުން ސިޔާސީ މައިދާނަށް ނެރުމެވެ. މިގޮތުން،
އަންހެނުންނަށް އަގުހުރި މައުލޫމާތާއި ފަންނީ ތަމްރީނާއި އެހީތެރިކަން މި ޕޯޓަލްގެ
ޒަރީއާއިން ފޯރުކޮށްދިނުމެވެ.
މިޕޯރޓަލްގެ
ސަބަބުން ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު
އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު ހުނަރުތައް
ދަސްކޮށްދެވޭނެއެވެ. މިޕޯރޓަލްގައި ކިޔަވާދެވޭ ކުރު ތަމްރީނުތަކަކުގެ ސަބަބުން
ސިޔާސީ މައިދާނަށް ކުރިމަތިލާ އަންހެނުންނަކީ މިހުނަރުތަކުގެ ބޭނުންހިފާ
ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ފެންވަރުގެ ތަރައްޤީގެ ކަންކަމާއި އެހެނިހެން
މުހިއްމު ނިންމުންތައް ނިންމުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ.
އަދި މީގެއިތުރުން ކައުންސިލް މުވައްޒަފުންގެ އިދާރީ ހުނަރުތައް ވެސް އިތުރަށް
ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަވާނެ ފަދައިން އުފެއްދުންތެރިކަމާއެކު އަވަސް
ރައްވެހި ޙިދުމަތްތަކެއް ކައުންސިލުން ދެވިގެންދާނެއެވެ. މީގެއިތުރުން ކައުންސިލަރުންނާއި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަކީ ހެޔޮ
ވެރިކަމުގެ އަސާސްތަކުގެ މަތިން އަމަލުކުރާ ޒިންމާދާރު އަދި ޤާބިލް ބަޔަކަށްވުމަށް
މަގުފަހިވެގެން ދާނެއެވެ. އަދި ލާމަޒުކަޒީ ނިޒާމާއި ހެޔޮ ވެރިކަމާ ގުޅޭ މުހިއްމު
މައުލޫމާތު އާއްމު ފަރުދުންނަށް ލިބި މިނިޒާމާމެދު އާއްމުންގެ މެދުގައި އޮންނަ
ހޭލުންތެރިކަންވެސް އިތުރު ވެގެން ދިޔުމަކީ ވެސް މިޕޯރޓަލްގެ ބޭނުމެކެވެ. މިފަދައިން
މިނިޒާމަށް ހޭލުންތެރި ރައްޔިތުން ބިނާކޮށް، ކައުންސިލަރުންނާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންނަކީ ރައްޔިތުންނާ ގާތުން ޙިދުމަތް
ފޯރުކޮށްދޭނެ ޤާބިލް ބަޔަކަށް ވުމާއެކު، ހުނަރުވެރި މުވައްޒަފުން ކައުންސިލްގައި މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް އިތުރަށް
ހަރުދަނާވުމަކީ ވެސް މިޕޯރޓަލްގެ އަމާޒެކެވެ.
މުސްތަޤްބަލުގައި
ކިޔެވެނި ޕޯޓަލްގައި މިހާރު ހިމެނިފައިވާ ކޯސްތަކުގެ އިތުރުންވެސް ދެޖިންސަށް
އަމާޒުކޮށް އެހެނިހެން ކޯސްތައް އިތުރުކުރުމަކީ ދިގު ރަސްތާގެ ޕްލޭންގައި
ހިމެނިފައިވާ ކަމެކެވެ. އެގޮތުން ހާއްސަކޮށް ކައުންސިލަރުންނާއި ކައުންސިލް
މުވައްޒަފުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
މެމްބަރުންނަށް އަމާޒުކޮށް މުހިއްމު ހުނަރުތައް ދަސްކޮށްދިނުމުގެ ދިގު އަދި ކުރު
ތަމްރީނުތަކާއި ކޯސްތައް ހިމެނުމަށް ވަނީ ރޭވިފައެވެ. އަދި މިފަދަ ތަމްރީންތަކަކީ
ލާމަރުކަޒީ ނިޒާމާގުޅޭ މައުލޫމާތު މުއްސަނދިކުރުމަށް ބޭނުންވާ އާއްމު ފަރުދުންނާއި
އެހެނިހެން ހިންގުމުގެ ހުނަރު ދަސްކުރުމަށް ބޭނުންވާ ފަރުދުންނަށް ވެސް
ފައިދާކުރުވަނިވި ކޯސްތަކަކަށް ވެގެންދާނެއެވެ. މީގެއިތުރުން ރިއަލް ޓައިމްގައި
ޕޯރޓަލް މެދުވެރިކޮށް ޓްރެއިނިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި
ކައުންސިލްތަކާއި އާއްމުންނަށް މިނިޒާމާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތައް، ހޭލުންތެރިކަން އިތުރުކުރުމަށް މަލްޓިމީޑިއާ
ކްލިޕްތަކާއި ވީޑިއޯތައް މިޕޯރޓަލް މެދުވެރިކޮށް ލިބިގެން ދިޔުމަކީވެސް
މުސްތަގްބަލަށް މިޕޯރޓަލް އިތުރަށް ފުޅާކުރުމަށްޓަކައި ރޭވިފައިވާ ކަމެކެވެ.
ކިޔެވެނި
ޕޯޓަލްއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް
ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ
އެމްޕަވަރމަންޓް އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން ތައްޔާރު ކުރެވުނު އުފެއްދުމެކެވެ.